ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމަށް އެޅި ފިޔަވަޅުތަކުގެ ފޮނިމީރުކަން ފެންނަން ފަށައިފި
ރަސްމީ ރޭޓްގައި ޑޮލަރު ނުލިބުމުގެ މައްސަލަ ނުވަތަ ކަޅު ބާޒާރުގައި އަގު ބޮޑުކޮށް ޑޮލަރު ވިއްކާ މައްސަލައަކީ އިގްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ.
މިކަމުގެ އުނދަގޫ އެންމެ ބޮޑަށް ޖެހިފައި އޮތީ އާންމު ރައްޔިތުންނަށެވެ. ވިޔަފާރި ފަރުދުންނާއި، ބޭސް ފަރުވާއަށްދާ މީހުންނާއި، ޢުމުރާ ފަދަ އަޅުކަންތަކަށް ދާ ދިވެހިންނަށެވެ.
ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފާއިތުވި އެއްވެސް ސަރުކާރަަކުން މަސައްކަތް ކޮށްފައެއް ނެތެވެ. މަދު ބަޔަކު ރުޅި އައިސްދާނެތީ ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ސަރުކާރުތަކުން ނުކުޅެދުނީއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ ފުރަތަމަ ދުވަހުވެސް މަސައްކަތް ފެށީ ގައުމީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށެވެ. 2025 ޖެނުއަރީ 1 އިން އަމަލުކުރަން ފެށި ޑޮލަރު މާރުކުރުމުގެ ގާނޫނަކީ މިކަމުގެ ހެއްކެކެވެ.
މި ގާނޫނު ގިނަ ބަޔަކު ބަލައިގެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ދިޔަައީ ތިއީ ނުވާނެ ކަމެއް ކަމަށް ބުނެ ފުރައްސާރަކުރަމުންނެވެ. ނަމަވެސް ގާނޫނު ތަންފީޒު ކުރަން ފަށާ ދޮޅު މަސް ވާން ކައިރިވެގެން ދިޔައިރު ޑޮލަރުގެ ކާޅު ބާޒާރުގެ އަގުތައް 19.50 އިން 18.50 އަށް ވަނީ ދަށްވެފައެވެ. މިއީ ރެކޯޑް މިންވަރެކެވެ.
ދައުލަތުގެ ރަސްމީ ރިޒާވްގައި ޖެނުއަރީ މަހުގެ ނިޔަލަށް 708 މިލިއަން އެމެރިކާ ޑޮލަރު ރައްކާ ކޮަށްފިއެވެ. ރައީސް މުޢިއްޒު މިއަދު ވަނީ ރަމަޟާން މަހުގެ ޢުމުރާއަށް ދާ ފަރާތްތަކުގެ ޑެބިޓް ކާޑުތަކުގެ ލިމިޓް 1500 ޑޮލަރަށް އިތުރުކުރުމަށް ނިންމަވާފައިވާކަން އިޢުލާން ކުރައްވާފައެވެ. އަދި 2026 ވަނަ އަހަރުން ފެށިގެން ޑެބިޓް ކާޑުތަކުގެ ލިމިޓް ބޮޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ.
ރައީސް މުއިއްޒު “އެކްސް” ގައި ވިދާޅުވީ ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލްގެ ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރު ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް އެ ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ…
— Dr Mohamed Muizzu (@MMuizzu) February 10, 2025
ބީއެމްއެލްގެ ޑެބިޓް ކާޑުތަކަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓަކީ 250 ޑޮލަރެވެ. އެކަމަކު، ރައީސްގެ އެދިވަޑައިގަތުމަށް ބީއެމްއެލް އިން އެ ބަދަލު ގެނައުމުން ކޮންމެ އުމްރާވެރިއަކަށް 1،750 ޑޮލަރު ކާޑު ލިމިޓަށް ލިބޭނެ އެވެ.
ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު އިގްތިޟާދީ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.