އިޒްރޭލްގެ ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކުރީ ކާން ނުދީ ކަރަންޓް ޖައްސައިގެން
ވީ ކިހިނެއް؟
ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ އަނިޔާވެރިކަން މުޅި ދުނިޔެއަށް ފާޅުވެއްޖެއެވެ. 15 މަސް ވަންދެން ކުރިއަށްގެންދިޔަ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓާލާ ޖެނުއަރީ 16 ވަނަ ދުވަހު އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ވެވުނު އެއްބަސްވުމުގައި އަސީރުންނާއި ގައިދީންގެ ގޮތުގައި އިޒްރޭލުން ވަގަށް ނަގާފައިވާ ފަލަސްތީނުގެ ގިނަ ބަޔަކު ދަނީ ދޫކުރަމުންނެވެ.
އަލް ޖަޒީރާއިން ރިޕޯޓް ކުރާ ގޮތުގައި އިޒްރޭލުން ދޫކުރާ ގިނަ ބަޔަކު ގެއަށް ދިއުމުގެ ބަދަލުގައި އެންމެ ފުރަތަމަ ޖެހެނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރާށެވެ. ލާ އިންސާނީ އެތައް އަމަލެއްގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލްގެ ހަރުކަށި ޔަހޫދީން ދީފައިވަނީ ބަލާ މީހަކު ހިތް ފަޅައިގެންދާވަރުގެ އަނިޔާތަކެވެ.
2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ގައްޒާގެ މަގެއްގެ މަތިން ހިނގާފައި ދަނިކޮށް އިބްރާހިމް އަލް ޝަވީޝް ވަގަށް ނަގާ އިޒްރޭލްގެ ޖަލެއްގައި އޭނާ ބަންދުކުރިއެވެ. އެއަށްފަހު އޭނާ މިނިވަންކުރި އިރު ސިފަ ގެއްލި އެތައް އަނިޔާއެއް ދީފައި ހުރި މަންޒަރުތައް މީޑިޔާތަކުން ދެއްކިއެވެ. ކާން ނުދީ ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަން ޖެހުމުން އޭނާގެ ސިފަ ވަނީ ގެއްްލިފައެވެ. ކަރަންޓް ޖައްސާ ކުދި އަނިޔާކޮށް ކުއްތާއެއްހެން އޭނާއަށް އަމަލުކޮށްފައިވެއެވެ.
ހަރުކަށި ޔަހޫދީންގެ މި ޢަމަލުތައް ފެނި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު އަޑު އުފަލަމުންދާއިރު، އިޒްރޭލަށް ވާގިވެރިވާ އެމެރިކާއިން އުޅެނީ ފަލަސްތީނުގެ ބިމުން އެމީހުން ބޭލުމުގެ ނުބައި ރޭވުންތަކެއް ރޭވުމުގައި އަވަދިނެތިއެވެ. އެގޮތުން ގައްޒާ ހުސްކުރަމަށްފަހު ފަލަސްތީނުގެ ރައްޔިތުން މިސްރާއި އުުރުދުން އަށް ބަދަލު ކުރުމަށް އެމެރިކާއިން ހުށައެޅިއެވެ. އެމެރިކާގެ މި އަމަލުތަކަށް އަރަބި އިސްލާމީ ގައުމުތަކުން ދަނީ ނުުރުހުން ފާޅުކުރަމުންނެވެ.